މާފަރު އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ބަހައްޓައިފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމަށް ހަމަޖައްސާފައިވާ ވަގުތީ އިންތިޒާމުގެ ބަދަލުގައި އާ ނިޒާމެއް ގާއިމުކޮށް، މިދިޔަ ހަފުތާގައި މަސައްކަތް ފުރިހަމަކޮށްފައިވާ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީގެ ދަށުން ހިންގާ، ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އެ މަސައްކަތް މިނިންމީ ދިޔަ ބުދަ ދުވަހު އެވެ. މާފަރު ވައިގެ ބަނދަރުގައި މި ނިޒާމު ގާއިމުކުރުމާ އެކު ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ގާއިމްކުރެވުނީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއް ކަމަށާއި އެ ނިޒާމު ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެއީ ގައުމުގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

އަބޫދާބީގެ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ އެއާޕޯޓެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!