ވެސްޓޯ ފަޅާލައި ވަގަށް ނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މާލެ، މަޖީދީމަގު ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، 78240 ރުފިޔާގެ ތަކެތި ވަނީ ހޯދާފައެވެ. އޭގެތެރޭގައި ހިމެނެނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނެވެ. އެ ތަކެތި ހޯދާފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާއި އޭނާއާ ގުޅުންހުރި އެހެނިހެން ތަންތަން ބަލައި ފާސްކޮށް އެ ތަންތަނުންނެވެ. އެ ފިހާރަ ފަޅާލައި 101720 ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިހާތަނަށްކުރި ތަހުގީގުން އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި އޮގަސްޓް މަހުގެ 19 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!