ސާވިސް ޗާޖު ހަމަހަމަކޮށް ނުބަހާނަމަ ޖޫރިމަނާ ކުރާ ގޮތަށް ފާސްކޮށްފި

ވަޒީފާދޭ ފަރާތުން ސާވިސް ޗާޖުގެ ގޮތުގައި ނެގުން ލާޒިމްކޮށްފައިވާ އަދަދު ނަގަމުން ނުދާ ނަމަ އަދި މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަމުން ނުދާނަމަ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު، ލޭބާ ރިލޭޝަން އޮތޯރިތީއަށް ލިބިގެންވާގޮތައް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތައް އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލް ދިރާސާކުރި ޖޮއިންޓް ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ލާޒިމު ކަމަށް ބިލްގައި ހިމަނާފައިވެއެވެ. އެއްވެސް ތަނެއްގައި ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާއިން އިދާރީ ފީގެ ގޮތުގައި ނެގޭނީ އެއް ޕަސެންޓް ކަމަށާއި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރަށް ނުނެގޭނެ ކަމަށްވެސް އެބިލުގައި ބުނެފައިވެ އެވެ.

ސާވިސް ޗާޖުގެ ގޮތުގައު ވަޒީފާދޭ ފަރާތަށް ލިބޭ އާމްދަނީގެ މައުލޫމާތު ގަވައިދުން ބަލަހައްޓަން ޖެހޭނެ ކަމަށާއި އަދި ކޮންމެ އަހަރަކު ދެފަހަރު ލޭބާ ރިލޭޝަން އޮތޯރިޓީއަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ނޫން ތާރީހެގައިވެސް ލޭބާރިލޭޝަން އޮތޯރިތީއިން ބޭނުންވެއްޖެ ނަމަ އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ މައުލޫމާތު ފޯރުކޮށް ނުދީފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!