2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ އަދި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާ ދޭ ފަރާތުން ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ސަރުކާރަށް ލާޒިމުކޮށްފައެވެ. އެކަމަކު މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ބިލުގައި ސަރުކާރަށް ލާޒިމު ކޮށްފައެއް ނުވެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އޮތް ހަތް ސިނާއަތުގެ ތެރެއަށް އިތުރު ދެ ސިނާއަތެއް މިހާރު ވަނީ ހިމަނާފަ އެވެ. އެއީ:
- މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތް
- ފަތުރުވެރިކަމުގެ ސިނާއަތް
- ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް
- ދަތުރުފަތުރުގެ ސިނާއަތް
- ސިއްހީ ދާއިރާ
- ތައުލީމީ ސިނާއަތް
- ކުދި އަދި މެދުފަންތީގެ ސިނާއަތް
- އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތް
- މެރިޓައިމްގެ ސިނާއަތް
މިނިމަމް ވޭޖް ކަނޑައަޅާނީ އެ ކަމަށް ލަފާދޭން އެކުލަވާލާ ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު ކަމަށް ބިލުގައިވެ އެވެ. ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑް” ގެ ނަމުގައި ބޯޑެއް އެކުލަވާލަން ޖެހެއެވެ. މިނިސްޓަރު މިނިމަމް ވޭޖްގެ އަދަދުތައް ކަނޑައަޅާނީ އެ ބޯޑުގެ ލަފާގެ މަތިންނެވެ.