ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދެން: ރައީސް ސޯލިހް

  • ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ފައްސިވެފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި ބާރަށް ފެތުރެމުންދާ ބައްޔަށް އުމުރުފުޅުން 82 އަހަރުގެ މައުމޫން ޕޮޒިޓިވްކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ޓްރީ ޓޮޕަށް ވަޑައިގެން އިއްޔެ ޓެސްޓް ކުރެއްވުމުންނެވެ. އެމަނިކުފާނު ރޭ އެޑްމިޓްކުރީ ކޮވިޑްގެ ފަރުވާ އަށް ޚާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ މައުމޫނަށް އަވަސް ޝިފާއަކަށް ހެދި ޓުވީޓްކުރައްވައިފަ އެވެ.

މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް އާލާސްކަންފުޅާ އުޅުއްވާތީ، މި މަހުގެ ކުރީކޮޅު ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. ނަމަވެސް އެކަމަނާގެ ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ސިޔާސީ ހިޔާލުތަފާތުވުން އެއްފަރާތްކޮށް ގިނަ ބަޔަކު ވަނީ މި ބަލިން މައުމޫން އަވަަހަށް ރަނގަޅުވުމަށް އެދި ސޯޝަލް މީޑިއާގައި ހެޔޮ ދުއާކޮށްފަ އެވެ. އޭގެ ތެރޭގައި، އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުން ވެސް ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!