ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަވަސް ޝިފާއަކަށް އެދި ގިނަ ބައެއްގެ ހެޔޮ ދުއާ އިން ސޯޝަލް މީޑިއާ ފުރާލައިފި އެވެ.
ރާއްޖޭގައި ބާރަށް ފެތުރެމުންދާ ބައްޔަށް އުމުރުފުޅުން 82 އަހަރުގެ މައުމޫން ޕޮޒިޓިވްކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ޓްރީ ޓޮޕަށް ވަޑައިގެން އިއްޔެ ޓެސްޓް ކުރެއްވުމުންނެވެ. އެމަނިކުފާނު ރޭ އެޑްމިޓްކުރީ ކޮވިޑްގެ ފަރުވާ އަށް ޚާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
ކޮވިޑުގެ ހައި ރިސްކް ކެޓަގަރީގައި އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
އެކަމަކު މައުމޫންގެ ހާލުކޮޅު ރަނގަޅެވެ. އެމަނިކުފާނާއި އާއިލާ އިން ކުރި ޓުވީޓްތަކުގައިވާ ގޮތުން، ބަލީގެ އަލާމާތްތައް ހުރީ ކުޑަކޮށެވެ.
ސިޔާސީ ހިޔާލުތަފާތުވުން އެއްފަރާތްކޮށް ގިނަ ބަޔަކު ވަނީ މި ބަލިން މައުމޫން އަވަަހަށް ރަނގަޅުވުމަށް އެދި ސޯޝަލް މީޑިއާގައި ހެޔޮ ދުއާކޮށްފަ އެވެ. އޭގެ ތެރޭގައި، އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުން ވެސް ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ މައުމޫނަށް އަވަސް ޝިފާއަކަށް ހެދި ޓުވީޓްކުރައްވައިފަ އެވެ.
ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގަތް ސިއްހީ ހާލުކޮޅާ މެދު ހަމްދަރުދީގެ މެސެޖްތައް ފޮނުއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ކުރިން ރައީސްކަން ކުރެއްވި ޕީޕީއެމްގެ އިސް ބޭފުޅުންނާއި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ވެސް ވަނީ އަވަސް ޝިފާއަކަށް އެދި މެސެޖްކޮށްފަ އެވެ.
މައުމޫންގެ ސަޕޯޓަރުން ޓުވިޓާގައި ލިއެފައިވާ ގޮތުގައި އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވި ޚަބަރު އެހީ ފުން ހިތާމައާ އެކުގަ އެވެ. ހެޔޮ ދުއާ ވަނީ އެމަނިކުފާނާ އެކުގަ އެވެ.