ކަރަންޓީނު ވާންޖެހޭ މީހުންނަށް މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ދޭން ފާސްކޮށްފި

ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު އިޖުތިމާއީ ކޮމިޓީއިން ފާސްކޮށްފި އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އެ ބިލު ފާސްކޮށްފައި ވަނީ ހާޒިރުވި މެންބަރުންގެ އިއްތިފާގުން ކަމަށް ވާއިރު އެ ބިލުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައި ދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ ބިލުގައި ވަނީ ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައި ދޭން ޖެހޭނެ ކަމަށާއި އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުން ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށާއި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނާއިރު، އެގޮތަށް ޗުއްޓީދޭން ޖެހެނީވެސް ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުން ކަމަށް އެ ބިލިގައި ވެއެވެ.

ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކޮވިޑް-19އިގެ ހާލަތުގައި ވަޒީފާއިން ވަކިނުކުރެވޭނެ ހާލަތްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވެފައިވާ މުއްދަތު ފަސްކުރުން، އަދި އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ހިމެނެ އެވެ.

ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ނުރަނގަޅު އަސަރުކޮށްފައިވާ ނަމަ ވަޒީފާދޭ ފަރާތަށް އެ ފިޔަވަޅުތައް އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ތަން ބަނގުރޫޓުވުން ނުވަތަ އާމްދަނީ ދަށްވުން ހިމެނެ އެވެ. ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮސްފައިވާކަން ބަލާ ގަވައިދެއް އެ ބިލު ފާސްކުރާތާ 14 ދުވަސްތެރޭގައި ކަމާބެހޭ މިނިސްޓްރީއަކުން އެކުލަވާލަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ބިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން މުވައްޒަފާ މެދު ފިޔަވަޅު އަޅާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހާއި ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފަައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހާ ދެ ތާރީހު ތެރެއިން ފަހުން ބައްދަލުވާ ތާރީހުގެ ތެރޭގައި މައްސަލަ ހުށަހަޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

އެ ބިލު ކޮމިޓީއިން ފާސްކޮށްފައިވަނީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!