ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބީއެމްއެލްއިން 502 މިލިއަން ރުފިޔާގެ ދޫކޮށްފި

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން 502.7 މިލިއަން ރުފިޔާގެ ލޯނު ވިޔަފާރިތަކަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް 346 ފަރާތަކަށް ބީއެމްއެމް މެދުވެރިކޮށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ ޖުމްލަ 502.7 މިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 554 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 397 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. އަދި 17 ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާއިރު، 17 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

މިސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!