ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުން ލިމިޓްކޮށްފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ، މިހާރު ހަމަޖައްސާފައިވާ ގޮތުން، ހޯމް ކަރަންޓީން ފުރިހަމަ ކުރާ މީހުންގެ ސާމްޕަލްތަކުގެ ޓެސްޓު ހަދަނީ މާލެ އަށް ފޮނުވައިގެން ކަމަށެވެ. މިގޮތަށް ސާމްޕަލް މާލެ ފޮނުވައިގެން ޓެސްޓު ހަދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށާއި މި ޓެސްޓުތަކުގެ ނަތީޖާ ލިބެން ދެ ތިން ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ޓެސްޓު ހަދަން ވެގެން ސާމްޕަލް މި ނަގަނީ މާލެ އަށް ދާ ފްލައިޓް ޝެޑިއުލްއާ އެއްގޮތަށް،” ސައީދު ވިދާޅުވި އެވެ.
މި ބަދަލު ގެންނަން ނިންމީ ތިނަދޫ ހޮސްޕިޓަލުގައި ބޭނުންކުރަމުން އައި ޖީން އެކްސްޕާޓް މެޝިނަށް ބޭނުންވާ ކާޓްރިޖް ލިބުމުގެ ދަތިތަކެއް ކުރިމަތިވާން ފެށުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
“ހޮސްޕިޓަލުން އަޅުގަނޑުމެން މިހާރު މި ޓެސްޓު ކުރަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން [އެކަނި]. ސައީދު ވިދާޅުވި އެވެ.
ތިނަދޫގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށީ މި މަހުގެ ފަސް ވަނަ ދުވަހެވެ.