މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ ދައުރު ނިންމާލާނީ 31 އޮގަސްޓް ވާ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިންމާލުމަށް މަޖިލީހުން ކުރިން ގަސްތު ކޮށްފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޗުއްޓީއަށް ދާން އޮންނަ މަހުގެ އެންމެ ފަހު ހޯމަ ދުވަހު، ޗުއްޓީއަށް ދިއުމަށް މަޖިލީހުގެ ގަވާއިދުން ތަންދޭ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހަކީ މި މަހުގެ އެންމެ ފަހު ދުވަސް ކަމުން ޗުއްޓީއަށް ދިއުމަށް ގަސްތު ކުރައްވަނީ އެދުވަހު ކަމަށާއި އެދުވަހު ޗުއްޓީއަށް ނުގޮސް މަޑުކޮށްލައިފިނަމަ 8 ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

“އެގޮތުން، އަންނަ ހޯމަ ދުވަހާ ހަމައަށް މި ދައުރު އިތުރުކޮށްފި ނަމަ، އަޅުގަނޑުމެންނަށް އަށް ބިލެއްގެ މަސައްކަތް އެބަ ނިންމާލެވޭ،” އިވާ ވިދާޅުވި އެވެ.

އެހެންކަމުން މި ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާނީ ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހުއެވެ.

މަޖިލިސް ތިން ދައުރަކަށް ބެހިގެންދާއިރު މިހާރު ހިނގަމުން މިދަނީ މިއަހަރުގެ 2 ވަނަ ދައުރެވެ.

2020 ވަނަ އަހަރުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު ޗުއްޓީއަށް ދިއުމަށް މަސައްކަތް ކުރަމުންދާއިރު، މި ދައުރުގައި ގިނަ މަސައްކަތްތަކެއް މަޖިލީހުން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ގާނޫނެއް ފާސްކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށާއި އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނެސްފައިވެއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށް، އިންތިޚާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހު ގެނެސްފައިވަނީ ވެސް މި ދައުރުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!