ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ސްކޯލާޝިޕްތައް ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި

ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ސްކޯލާޝިޕްތައް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސް، ކޮންމެ ރަށަކަށް އެއް ސްލޮޓް ދޭން ވިސްނަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރުު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ސްކޯލަޝިޕްތައް ދޫކުރުމުގެ އުސޫލުތަކާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އުސޫލުގައި މިހާރު އޮންނަ ގޮތުން އިންތިހާބީ ދާއިރާތަކަށް ލޯނު ދިނުމުން ވެސް ބޭނުންވާ ވަރަށް ލޯނު ދިނުމުގައި ފުރުސަތުތައް ފުޅާ ނުވާ ކަމަށެވެ. އެންމެ ފަހުން ދިން ސްކޮލަޝިޕްތަކުގައި ވެސް އެގޮތަށް ކުރިމަތިލީ މަދު ބައެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ، މިހާރު ވިސްނުން އޮތީ ލޯން ސްކީމަަކަށް ހުޅުވާލާއިރު، އިންތިހާބީ ދާއިރާއަށް ދިނުމުގެ ބަދަލުގައިި ރާއްޖޭގެ ކޮންމެ ރަށަކަށް ސްލޮޓް ދޭށެވެ. އެ ބަދަލު ގެނައުމުން ލޯނުގެ ފުރުސަތު ގިނަ ބަޔަކަށް ލިބޭނެ ކަމަށާއި ދާއިރާ އަށް އެއް ސްލޮޓްގެ ބަދަލުގައި ކޮންމެ ރަށަކަށް ވަކި ވަކި ސްލޮޓް ދިނުމުން ދާއިރާއަށް ވެސް ފައިދާ ވާނެ ކަމަށެވެ.

“ދެން އަންނަ ލޯން ސްކީމެއްގައި ވިސްނުން އެބަ ހުރި މިހާރަށް ވުރެ ވެސް ބޮޑަށް އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ފަހިވާ ގޮތަށް މި ސްކީމް ބަދަލު ކުރަން. މިހާރު މި އޮންނަ ގޮތުން ވެއްޖިއްޔާ އަޅުގަނޑުމެން ޝަރުތު ހަމަވާ މީހާ ކަށަވަރު ވަނީ 87 ކުދިން، އޭގެ ބަދަލުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކުއްޖަކަށް ބަދަލު ކުރެވުނަސް 192 ކުދިންނަށް އަޅުގަނޑުމެންނަށް ފުރުސަތު ކަށަވަރު ވެގެންދާނެ. މަގްސަދަކީ ފުޅާކޮށް ފުރުސަތު ފަހި ވެގެން ދިޔުން”

އިތުރަށް ވިދާޅުވީ، މީހުން ގިނަ ރަށްރަށާއި ސިޓީތަކުގެ އާބާދީ ބެލުމަށް ފަހު ދޭނީ ކިހާ އަދަދެއްގެ ޖާގަ އެއްކަން ބަލައި ނިންމާނެ ކަމަށެވެ. އަދި، މިއީ މިހާރަށް ވިސްނުން އޮތް ގޮތް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!