86 ސަފާރީއަކަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފި

މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 86 ސަފާރީއަކަށް އަލުން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބުނެފި އެވެ.

އެންބީއޭއެމް އިން ކުރި ޓްވީޓެއްގައި ބުނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފަތުރުވެރިންނަށް ހިދުމަތްދޭ 86 ސަފާރީއަކަށް އަލުން ހިދުމަތް ދިނުމުގެ ހުއްދަދީފައި ކަމަށެވެ. 

އެގޮތުން މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އިތުރު 12 ސަފާރީއަކުން ހިދުމަތް އަލުން ފަށާނެ ކަމަށް އެންބީއޭއެމް އިން ބުނެ އެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ސަފާރީތަކަށް ހުއްދަ ދޭއިރު، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމް އެއް ހުށަހަޅަންޖެހެ އެވެ. އަދި ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމް ވެސް މިނިސްޓްރީ އަށް ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރުން ސަފާރީން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ވެސް މިނިސްޓްރީ އަށް ހުށަހަޅަންޖެހެ އެވެ.

ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީ ސަފާރީތަކުން ހިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހެޅުމަށް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!