ނެއްލައިދޫ ބަނދަރު މަސައްކަތުގެ 32 ޕަސެންޓް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 32 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އިން ބުނީ އެ ރަށުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު މި އަހަރުގެ އޮގަސްޓް 25 ވަނަ ދުވަހު ނެއްލައިދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 244 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތުގެ އިތުރުން 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް 47.62 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ލަފާކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!