މަގާމުގެ މައްސޫލިއްޔަތު އަދާކުރައްވާފައި ނުވާތީ މަޖިލިސް ރައީސްގެ ނުރުހުން ޒަހާ އަށް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަން މިހާރު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، އާ އިސްލާހު ތަކާއެކު، މަސްވެރިކަމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ ސެޕްޓެމްބަރު 16، 2019 ގައި ކަމަށާއި އެ ގާނޫނުގައި ބުނާ ގަވައިދުތައް އެ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް ގަވައިދުތައް ހަދާފައި ނުވާތީ، މިނިސްޓަރު ޒަހާ ގާނޫނާ ހިލާފު ވެފައިވާ ކަމަށް، މައްސަލަ ބެލި ގަވައިދު ކޮމިޓީގެ ރިޕޯޓުގައި އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

“ގަވައިދު ކޮމިޓީން ފާހަގަކުރައްވާފައި ވަނީ މިނިސްޓަރު އޮތީ ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށް،” އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރަން ފެށުމުން މިނިސްޓަރު ޒަހާ މަޖިލީހަށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި ވިދާޅުވެފައި އޮތީ ގަވައިދުތަކުގެ ދެލިކޮޕީއެއް، އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުއްވާފައިވާ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އިއްޔެއާ ހަމައަށް ވެސް ގަވައިދުތައް ގެޒެޓް ކޮށްފައި ނުވާ ކަމަށާއި އެހެންވެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެ މައްސަލަ ފޮނުވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“މީގައި ސާފުކޮށް ފެންނާން އޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ތަން،” ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމު ފުރުއްވަމުން ގެންދަވާ ޒަހާގެ މައްސަލައިގައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ޒަހާގެ މައްސަލަ ބަލައި މަޖިލިހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވިދާނެ އެވެ. އެކަމަކު އެ ރިޕޯޓުގައި ވެސް އޮންނާނީ މަސްއޫލިއްޔަތު އަދާ ނުކުރެއްވި ވާހަކަ ކަމަށް ވިދާޅުވި އެވެ.

“އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާނުކުރެއްވީމާ އަމަލުކުރާ ގޮތް އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ،” ނަޝީދު ވިދާޅުވި އެވެ.

ސީދާ ވިދާޅުނުވި ނަމަވެސް، ނަޝީދު އިޝާރާތް ކުރެއްވީ ޒަހާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވައްދައި، ފާސްކުރުމަށް ކަމަށް ބެލެވެ އެވެ.

ނަޝީދު އެ ގޮތަށް ވިދާޅުވި ފަހުން، ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ތިން ގަވައިދެއް ގެޒެޓު ކުރުމަށް މިއަދު ހެނދުނު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ނަޝީދު ވަނީ ހާމަ ކުރައްވާފަ އެވެ. ނަމަވެސް، އަދިވެސް ތިން ގަވައިދެއް ހެދިފައި ނުވާކަމަށް މިނިސްޓްރީގެ މައުލޫމާތާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑު ދެންނެވިހެން، އަމަލު ކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ އިއްޒަތްތެރި މެންބަރުންނަށް،” ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން މަސްވެރިކަމުގެ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ތިއްބެވި މިނިސްޓަރުންނަށް ފާޑުވިދާޅުވެއެވެ. މިނިސްޓަރު ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!