ހުޅުމާލެ ސާފު ކުރާނެ ދިވެހިން ހޯދަނީ

ހުޅުމާލޭގެ “ވެށި ސާފު ޕްރޮގްރާމް” އަށް މީހުން ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނެއް ކޮށްފި އެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމަކީ ދިވެހިންގެ ތެރޭގައި އޮތް ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ސާފުކުރުމުގެ މަސައްކަތަށް 34 މީހަކު ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ. މިއީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް މަސައްކަތެކެވެ. ޝަރުތަކީ، 18 އަހަރު ފުރިފައި ހުރި ދިވެއްސަކަށް ވުމާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތަކަށް ވުން އަދި މަސައްކަތް ކުރެވޭ ސިއްހަތެއްގައި ހުރުމެވެ.

ސާފު ކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން، އެމީހަކާ ހަވާލު ކުރާ ސަރަހައްދު ކޮންމެ ދުވަހެއްގެ ހަވީރު 3:30 ގެ ކުރިން ކުނިކަހާ ސާފު ކުރަން ޖެހެ އެވެ. ހަވާލު ކުރާ ސަރަހައްދުގެ ފްލެޓްތަކުގެ “ކޮމަން އޭރިއާ” ސާފުކޮށް ބެލެހެއްޓުމާއި އެ ސަރަހައްދުން ނަގާ ކުނި ވަކި ތަނަކަށް ޖަމާ ކޮށް ސުޕަވައިޒަރަށް އަންގަން ޖެހެ އެވެ. އަދި، ހަވާލުކުރާ ސަރަހައްދުގެ މަގުތަކާއި، ޕޭމަންޓާއި، މަގުތަކުގެ ދެފަރާތް ސާފުކުރަން ޖެހެ އެވެ.

މި މަސައްކަތް ކުރާ ފަރާތަކަށް، މުސާރައިގެ ގޮތުގައި 4800 ރުފިޔާ ދޭ އިރު މަސައްކަތް ކުރަން ވަކި ގަޑި އެއް ހަމަޖެހިފަ އެއް ނޯވެ އެވެ. އަދި އޮފީހަށް ހާޒިރުވެ ސޮއެ ކުރާކަށް ވެސް ނުޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!