ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހެދޭނެ ތަންތަނަށް ބަދަލު ގެނަސްފި

ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހެދޭނެ ތަންތަނަށް ބަދަލު ގެނަސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ކުރިން ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ބުނެފައިވާ ހޮސްޕިޓަލްތަކުގެ އިތުރުން ފުލުހުންގެ ލެބުން މިހާރު ފަތުރުވެރިންނަށް ޓެސްޓު ހެދޭނެއެވެ.

އެހެންނަމަވެސް ކުރިން ޓެސްޓް ހެދޭނެ ކަމަށް ބުނެފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ނުހެދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. ޓްރީޓޮޕް އިން ޕީސީއާރު ޓެސްޓު ހަދައިދޭނެ ކަމަށް ބުނެފައިވާ އަގަކީ 2000 ރުފިޔާއެވެ. މިއީ އޭރު ކަނޑައެޅުނު ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ކަނޑައެޅި ހޮސްޕިޓަލެވެ.

އެންމެ ފުރަތަމަ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ބުނި ފަސް ހޮސްޕިޓަލްގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަދިވެސް ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދޭނެއެވެ.

އެގޮތުން އެންމެ ކުޑަ އަގުގައި އޭޑީކޭ ހޮސްޕިޓަލުން ޓެސްޓު ހެދޭ އިރު، އެއީ 1500 ރުފިޔާއަށެވެ. އައިޖީއެމް ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޓެސްޓު ހެދެނީ 1534 ރުފިޔާއަށެވެ.

ފަތުރުވެރިން ޕީސީއާރު ޓެސްޓު ހަދަން ދާއިރު އެ ފަތުރުވެރިޔެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓް ކޮޕީ އާއި ލެބޯޓްރީ އިން އެދޭ އެހެނިހެން ލިޔެކިޔުންތައް ހުށައަޅަން ޖެހޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ފަތުރުވެރިން ކޮވިޑް ޓެސްޓް ހެދުމަށް ހޮސްޕިޓަލަށް ދިއުމުގެ 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!