މައުމޫންގެ ހާލުކޮޅު ރަނގަޅު, އަލާމާތް ހުރީ ކުޑަކޮށް: އާއިލާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، އިއްޔެ ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓު ކުރެއްވިއިރު، އެ މަނިކުފާނުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. ރޭގައި ނަތީޖާ ލިބުމާ އެކު، މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފަ އެވެ.

“[ބަލީގެ] އަލާމާތް ވަރަށް ކުޑަ އިންޝާﷲ،” މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވި އެވެ.

މިއީ، ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އުމުރުފުޅުން 81 އަހަރުގެ މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން ޓުވިޓާގައި އެ މަނިކުފާނު ރޭ 10:30 ވާން އުޅެނިކޮށް އިއުލާން ކުރެއްވީ އަމިއްލަފުޅަށެވެ. އެ ޓުވީޓުގައި މައުމޫން ވިދާޅުވީ، އެ މަނިކުފާނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އެހެން އެންމެންނަށް އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް އާލާސްކަންފުޅާ އުޅުއްވާތީ، މި މަހުގެ ކުރީކޮޅު ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ކޮވިޑަށް ޓެސްޓުކުރި އެވެ. އެ ކަމަނާގެ އެ ޓެސްޓު ވަނީ ނެގެޓިވް ވެފަ އެވެ.

މިދިޔަ މާޗު 7 އިން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ 7،047 މީހަކަށް ކޮވިޑް ޖެހިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!