ސީއެސްސީއަށް މެމްބަރުން އައްޔަނު ކުރުން އަނެއްކާވެސް އެޖެންޑާކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަން ކުރަން ރުހުންދިނުމަށް ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސް ކުރި ލިސްޓު އެކުލަވާލުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނިފައިނުވާ ކަމަށް އެ މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީއިން ނިންމުމުން، އެ މައްސަލަ އަލުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލީ 41 ބޭފުޅުންނެވެ. އެބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 13 ބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ. އެއާއެކު އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ލިސްޓް ހޮވުމުގައި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެކަން ބެލުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މި މައްސަލަ ފޮނުއްވިއެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމީ، އެއްވެސް މެމްބަރެއްގެ މަސްލަހަތަށް ފުށުއަރާފައިވާ ކަމެއް ނުހިމެނޭ ކަމަށެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ލިސްޓުގެ ތަރުތީބުން ވޯޓަށް އެހޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!