ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދިނުމަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކޮވިޑް-19 އިގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތީ، މި ބަލިމަޑުކަމުން އަރައިގަނެވެންދެން ކާޑުގެ ބާވަތްތައް ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެއްޅުވި މައްސަލާގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މާލިއްޔަތަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ ސަބަބުން ބަޑުފުރާނަ މުއްތި ކުރުމަށް ދަތިވަމުންދާ ކަމަށެވެ.

އެހެން ކަމުން، މި ބަލިމަޑުކަމުން އަރައިގަނެވެންދެން، ދައުލަތުން އިނާޔަތެއްލިބޭ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ރައްޔިތުންނަށް ކާޑުގެ ބާވަތްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށް ދިނުމަށް އެ މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.

އެހެންނަމަވެސް މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ނެގި ވޯޓުން 24 މެމްބަރުންގެ އަގުލަބިއްޔަތުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީއެވެ. މައްސަލަ ބަލައިގަންނަން ހަތް މެމްބަރުން ވޯޓުލާފައިވާއިރު، އެއްވެސް ގޮތަކަށް ވޯޓު ނުލައްވާ ދެ މެމްބަރުން ތިއްބެވިއެވެ. މިއަދުގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި 39 މެމްބަރުންގެ ތެރެއިން 31 މެމްބަރުން ވަނީ ވޯޓުގައި ބައިވެރިވެފައެވެ.

ޝަރީފް މި ކުއްލި މައްސަލަ ހުށައަޅާފައިވާއިރު، މިދިޔަ ސަރުކާރުން ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ކާޑުގެ ބާވަތްތަކުގެ އަގު 100 އިންސައްތަ ބޮޑުކޮށް ސަބްސިޑީސް ކަނޑާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!