މެދު ފަންތީގެ ފްލެޓްތައް ގާއިމް ކުރެވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ: ހައުސިން މިނިސްޓްރީ

މެދު ފަންތީގެ މީހުންނަށް ޚާއްސަކޮށްގެން ފްލެޓްތައް ގާއިމް ކުރެވި ދޫކުރެވޭ ހިސާބުން ބޯހިޔާވެހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ހިޔާ މަޝްރޫއަށް ކުރިމަތިލާފަ ތިބި މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ހުރިހާ އެންމެނަކީ އާމްދަނީގެ ނިސްބަތުން ކޮންމެހެން ކައުންސިލް ނުވަތަ ސޯޝަލް ހައުސިން ކެޓަގަރީއަށް ވަންނަންޖެހޭ މީހުން ނޫން ކަމަށާއި ނަމަވެސް އެމީހުންނަށް ސޯޝަލް ހައުސިން ކެޓަގަރީއަށް ވަންނަން ޖެހެނީ މާކެޓްގައި އެމީހުންނަށް އެފޯޑްކުރެވޭ ވަރުގެ ފެންވަރުގެ އަގުގައި ފެލްޓް ނެތުމުން ކަމަށެވެ.

މިމައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި އެގޮތުން ކުރިއަށް ރޭވިފައި ހުރި މަޝްރޫއުގެ ތެރޭގައި އެކި ފަންތީގެ ފްލެޓްތައް ހުންނާނެ ކަމަށް ނިއުމާ ވިދާޅުވިއެވެ. މިހާރުވެސް 10،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާއިރު، މިފްލެޓްތަކުގެ ތެރޭގައި ވެސް އެކި ފަންތީގެ މީހުންނަށް ޚާއްސަ ފްލެޓް ހިމެނޭކަން ނިއުމާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނިއުމާ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަކީ ޓަރގެޓެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!