މާލޭ މެޕުން ބަލި ފެތުރެމުން އައި ގޮތުގެ ވީޑިއޯއިން ފެންނަނީ ބިރުވެރި މަންޒަރެއް

ރާއްޖެއިން މި ބަލި ފުރަތަމަ ފެނުނު ދުވަސްކަމަށްވާ 7 މާރޗުން ފެށިގެން 500 ކޭސް ހަމަވާން ފުރަތަމަ ނެގީ 56 ދުވަހެވެ. ފުރަބަންދުގެ ފިޔަވަޅުތަކާއެކު ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް، ފުރަބަންދުގެ ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމާއެކު އަނެއްކާވެސް ބަލި ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް ވަނީ އިތުރުވާން ފަށާފައެވެ.

މިއަދަށް 132 ދުވަސް ވީއިރު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލް އަދަދު މިވަނީ ހަތް ހާސް ފަހަނައަޅާފައެވެ. މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް 7 ދުވަސްތެރޭ މިވަނީ 1000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 7047 އަށް އަރާފައެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވަނީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތުން މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރެމުން އަންނަ މިންވަރު، އަދި ފެތުރެމުން އަންނަ ސްޕީޑު އަންގައިދޭ މެޕެއް ހިއްސާކުރައްވައިފައެވެ.

ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ޖުލައި މަހާ އަޅާ ބަލާ އިރު، އޮގަސްޓް މަހު މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޮގަސްޓް ނިމޭ އިރު، ގާތްގަނޑަކަށް މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ހެން ކޮވިޑް-19 ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިތުރަށް ވިދާޅުވީ މާލޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު، މާފަންނުގައި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރު ކަމަށެވެ.

ހުޅުމާލޭގައި ވެސް ހަލުވި ކަމާއެކު އަންނަނީ ބަލި ފެތުރެމުންނެވެ. އެހެން ނަމަވެސް މާލެއަށް ވުރެ ހުޅުމާލޭގައި ބަލި ފެތުރޭ މިންވަރު ދަށެވެ.

މިހާރު މި މާލޭގައި ކޯވިޑް އޮތް މިންވަރު މާލޭގެ ވިޒުއަލްއިން ފެނިގެންދެއެވެ. މިއީ ބިރުވެރި މަންޒަރެކެވެ. މިއީ ފަރުދީ ޒިންމާ އަދާކުރާންވީ ވަގުތެވެ. މިއީ ކޮންމެހެން ބޭރަށް ދާންޖެހިގެން ނޫނީ ބޭރަށް ނުދާންވީ ވަގުތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!