އައިލްސް ސޮފްޓްވެއަރއާ ގުޅޭ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޙިއްޞާކުރައްވައިފި

2019 – 2023 ވަނަ އަހަރަށް ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ މަސައްކަތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުރިއަށް ގެންދަވާފައިވާ މަޝްރޫޢުތަކުގެ މިންވަރު ބެލުމަށްޓަކައި ހައްދަވާފައިވާ ރިވިއު، މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ޙިއްޞާކުރައްވައިފިއެވެ. މި މަޢުލޫމާތު ޙިއްޞާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުންނެވެ.

މި ރިވިއުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ދާއިރާތަކާއި ކޮންމެ ދާއިރާއެއްގެ ދަށުން ހިމެނޭ ސަބްސެކްޓަރތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް އައިސްފައިވާ ބަދަލުތަކާއި ޙާލަތަށް ރިޢާޔަތްކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މެންބަރުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިނގަމުންދާގޮތުގެ މަޢުލޫމާތާއި، ރާއްޖޭގެ މީހުން ދިރިއުޅޭ އަދި  މީހުން ދިރިނޫޅޭ ހުރިހާ ރަށްތަކުގެ މަޢުލޫމާތު އެއްތަނަކުން އެއް ޕްލެޓްފޯމަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފަރުމާކުރަމުންދާ “އައިލްސް” ސޮފްޓްވެއަރއާ ގުޅޭ މަޢުލޫމާތުވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދުގެ މަސައްކަތު ބަދަލުވުމުގައިވަނީ ދެއްވަވާފައެވެ.

ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނަން ހުރުމުގެ މުހިންމުކަމާއި، “އައިލްސް” ސޮފްޓްވެއަރ ފަދަ ސޮފްޓްވެއަރއަކުން ހުރިހާ މަޢުލޫމާތުތައް ޢާންމުކޮށް ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!