ސުޝާންތު ދިލް ބެޗާރާ ކުޅެދިނީ އާއްމުކޮށް ނަގާ ފީއަށްވުރެ ކުޑަ އަގަކަށް، ކީއްވެކަން އެނގޭތަ؟

މިދިޔަ ޖުލައި 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒް ކުރި “ދިލް ބެޗާރާ” އަކީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު، ފިލްމަކުން ފެންނާނެ އެންމެ ފަހު ފަހަރެވެ. ޖޫން 14 ގައި ދަންޖެހިގެން މަރުވި ސުޝާންތު ކުޅުނު ފަހު ފިލްމަކީ އެޔެވެ. ނަމަވެސް އެ ފިލްމަކީ ސުޝާންތު އެހެންޏާ ފިލްމު ކުޅެދޭން ނަގާ އަގަށްވުރެ ދެގުނަ ކުޑަ އަގަކަށް ކުޅެދީފައިވާ ފިލްމެއްކަން އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ؟

ސުޝާންތުގެ ވަރަށް ގާތް އެކުވެރިއަކު އިންޑިއާގެ ނޫހަކާ ވާހަކަދައްކަމުން ބުނީ ސުޝާންތު “ދިލް ބެޗާރާ” ފިލްމުގައި ސޮއިކުރި ހުރި އޭނާ ވެސް އެތާނގައި ހާޒިރުވެ ހުރި ކަމަށާއި، އެ ފިލްމަށް ސުޝާންތު ނެގި އަގު އެނގޭ ކަމަށެވެ. ސުޝާންތު އާއްމުކޮށް ފިލްމު ކުޅެދޭ އަގަކީ 6-8 ކުރޯޑު (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ކަމަށްބުނެ އެ އެކުވެރިޔާ ބުނީ، “ދިލް ބެޗާރާ” އަށް ސުޝާންތު ކިއީ އަގަކީ އެއަށްވުރެ ދެގުނަ ކުޑަ އަގެއް ކަމަށެވެ.

“ދިލް ބެޗާރާއަށް ސުޝާންތު ކިއީ އަގަކީ 3 ކުރޯޑު (ހަތަރު ލައްކަ ޑޮލަރު) ކޮންމެވެސް ވަރެއް. އެއީ އެ ފިލްމަކީ މުކޭޝް ޗާބްރާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމަށްވާތީ. ސުޝާންތާއި މުކޭޝަކީ ވަރަށް ގާތް ދެމީހުން. އަދި ސުޝާންތު ވަނީ މުކޭޝް ކައިރީގަ ވައުދުވެފަ މުކޭޝްގެ ފުރަތަމަ ފިލްމު ކުޅޭނީ އޭނަ ކަމަށް”، އެ އެކުވެރިޔާ ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ބުނީ އެ ފިލްމު އެއްކޮށް ނިމެން އިތުރު އެއް އަހަރު ނެގި ކަމަށާއި، އެއީ ދިމާވި މާލީ ދަތިތަކަކާއި އެހެން ކަންތައްތަކާ ގުޅިގެން ކަމަށެވެ. “އެހެންވެ ސުޝާންތު ދެކުނީ އެއީ ކަންތައް ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް”.

“ދިލް ބެޗާރާ” އަކީ ހޮލީވުޑް ފިލްމު “ދަ ފޯލްޓް އިން އަވާ ސްޓާޒް” ގެ ރިމޭކެކެވެ. މި ފިލްމަށް އެންމެ ފުރަތަމަ ކިޔަން އުޅުނު ނަމަކީ “ކިޒީ އޯރް މެނީ” އެވެ. އެއީ އޭގައި އުޅޭ ދެ ކެރެކްޓާގެ ނަމަށް ބިނާކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!