ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާ ސީބީއައި އިން ހަވާލުވިފަހުން، ކުރިން ނޭނގޭ އާ ކަންތައްތަކެއް އަންނަނީ މީޑިއާއަށް ތިލަވަމުންނެވެ. އެގޮތުން މިފަހަރު އާ މައުލޫމާތެއް ހިއްސާކޮށްފައި ވަނީ ސުޝާންތު ބަންދްރާގައި ދިރިއުޅުނު ފްލެޓާ ޖެހިގެން ހުންނަ ފްލެޓެއްގައި ދިރިއުޅޭ އަވައްޓެރިއެކެވެ.
އިންޑިއާގެ މީޑިއާއަކާ ވާހަކަ ދައްކަމުން އެ އަވައްޓެރިޔާ ބުނިގޮތުގައި، ސުޝާންތު މަރުވި ދުވަހުގެ ކުރީ ރޭ (13 ޖޫން) ގައި ސުޝާންތުގެ އެޕާޓުމަންޓުން ކުރިން ނުފެންނަ މަންޒަރެއް ފެނުނު ކަމަށެވެ. އެއީ އެ އެޕާޓުމަންޓުގެ ހުރިހާ ބޮކިތަކެއް ނިއްވާލައި އަނދިރި ކޮށްފައި ހުރުން ކަމަށް އެ މީހާ ހާމަކުރިއެވެ.
އެމީހާ ކިޔައިދިން ގޮތުގައި ސުޝާންތަކީ އާއްމުކޮށް ހެނދުނު 7 ޖަހަންދެން ހޭލާ އުޅޭ މީހެއް ކަމަށާއި، ނަމަވެސް ޖޫން 13 ވަނަ ދުވަހުގެ ރޭ 10:35 ނުވަތަ 10:45 ހިސާބުގައި އެގޭގެ ބޮކިތައް ނިއްވާލައިފާ ވާ ކަމަށެވެ. “ބަދިގެ ބޮކި އެކަނި ދިއްލާފަ ހުރީ. އެއީ އެހެންޏާ ނުފެންނަ މަންޒަރެއް”.
ސުޝާންތު މަރުވެފައި ހުއްޓައި ފެނުނީ އޭގެ އަނެއް ދުވަހު، ޖޫން 14 ގެ ހެނދުނުގައެވެ. ސީބީއައި އިން މިހާރު އަންނަނީ އެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ވޭތޯ ބަލަމުންނެވެ. އެގޮތުން ތަހުގީގު ޓީމުން މިހާރު ވަނީ ސުޝާންތު ދިރިއުޅުނު އެޕާޓްމަންޓަށް ގޮސްފައެވެ.