ދިފާޢީ ނިޒާމު ބަލިކަށިވެއްޖެ ނަމަ ފެންނާނެ 4 އަލާމާތެއް

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ އެއް ބޭނުމަކީ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ބަލިތަކާ ވީހާވެސް ދުރުވުމެވެ. މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުން ސަލާމަތް ވެވޭނީ ވެސް ދިފާޢީ ނިޒާމު ވަރުގަދަ ވެގެންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށެވެ. ދިފާޢީ ނިޒާމު ވަރުގަދަ ކުރެވޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެސްގެންނެވެ.

ތިރީގައި މި ފާހަގަކޮށްލަނީ، ދިފާޢީ ނިޒާމު ބަލިކަށިވުމުން ފެންނާނެ ބައެއް އަލާމަތްތަކެވެ. މިއީ ދުޅަހެޔޮ ވައްޓަފާޅިއަކަށް ބަދަލުވުމަށް ހަށިގަނޑުން ފޮނުވާ އިންޒާރެއް ކަމުގައި ބަލާށެވެ.

1. އަވަސްއަވަހަށް ބަލިވުމާއި، ބަލިން ރަނގަޅުވުމަށް ވަގުތު ނެގުން

އަވަސްއަވަހަށް ރޯގާޖެހި، ބަލިވުމަކީ ބަލިކަށި ދިފާއީ ނިޒާމެއްގެ އެންމެ އާއްމު އެއް އަލާމާތެވެ. އެގޮތުން، ދިފާއީ ނިޒާމު ބަލިކަށިވެއްޖެ ނަމަ، ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާއާއި ފަންގައި އަދި ވައިރަސްތައް ނައްތައިލުމަށް ދެކޮޅު ހަދައެވެ. ނަތީޖާއެއްގެ ގޮތުން އިންފެކްޝަން ތަކަށް މަގުފަހިވެ، ވަރަށް ފަސޭހައިން ބަލިވާނެއެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި، އަހަރަކު ތިން ފަހަރަށްވުރެ ގިނައިން ރޯގާޖެހި، ރޯގާއިން ރަނގަޅުވުމަށް ގިނަ ދުވަސް ނަގާނަމަ އެއީ ދިފާއީ ނިޒާމު އެންމެ ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ހެއްކެކެވެ. މީގެ އިތުރުން، ތަންތަން ކަނޑައިގެން ގޮސް އުފެދޭ ފާރު ރަނގަޅުވުމަށް މާ ގިނަ ދުވަސް ނަގާނަމަ ވެސް އެއީ ހެއްކެކެވެ.

2. އަބަދު ވަރުބަލިވެފައި ހުރުން

ރަނގަޅަށް ނިދާލައިގެން ހޭލާއިރު ވެސް ވަރުބަލި ވެފައި ހުރުމަކީ އަނެއް އަލާމާތެވެ. ބަލިކަށި ދިފާޢީ ނިޒާމެއް މަސައްކަތް ކުރަން އާދައިގެ މިންވަރަށްވުރެ ގިނަ ހަކަތަ ބޭނުންވެއެވެ. އެހެންކަމުން، ތިބާގެ ގައިގައި ހުންނަ ހުރިހާ ހަކަތައެއް ކަހަލަ ގޮތަކަށް ދިފާޢީ ނިޒާމަށް ދާނަމަ އެހެން ކަންކަން ކުރަން ވަރުބަލިވާނެއެވެ.

3. ބަނޑުގެ މައްސަލަތައް

ޖޯން ހޮޕްކިންސް ޔުނިވާސިޓީ އިން ބުނާ ގޮތުގައި، ދިފާއީ ނިޒާމުގެ ބޮޑުބައެއް އޮންނަނީ ބަނޑުގައެވެ. އެހެންކަމުން، ހަޖަމުގެ ނިޒާމަށް ދިމާވާ ގިނަ މައްސަލަތަކަކީ ބަލިކަށި ދިފާއީ ނިޒާމެއްގެ އަލާމާތެވެ. އޭގެތެރޭގައި ގިނައިން ފާހަނައަށް ދެވުމާއި ބަނޑުހަރުވުން ހިމެނެއެވެ.

4. އަނގަ ފާރުވުން

 އަނގަ ފާރުވުމަކީ ވަރަށް ވޭންހުރި ކަމެކެވެ. އަދި ގިނަ ފަހަރަށް އަނގައިގައި ފާރު އުފެދެނީ ދިފާއީ ނިޒާމު ބަލިކަށިވުމުންނެވެ. މިކަން އާއްމު ކަމަކަށްވެއްޖެ ނަމަ، އެއީ ތިބާގެ ދިފާއީ ނިޒާމު ބަލިކަށިވެފައި ވާތީކަމަށް ބަލާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!