މި އަންނަ ސެޕްޓެމްބަރު މަހު ފަހުކޮޅު ފަށާނެ ކަމަށް ބެލެވޭ އިންޑިއާގެ މަޤްބޫލު ރިއަލިޓީ ޓީވީ ޝޯ “ބިގް ބޮސް 14” ގެ އާ ޕޯސްޓަރެއް އާއްމުކޮށްފިއެވެ.
ކަލާޒް ޗެނަލުގެ އޮފިޝަލް އިންސްޓަގްރާމު ޕޭޖުގައި ހިއްސާކުރި ޕޯސްޓަރުން ފެންނަނީ ޝޯގެ ހޯސްޓު ސަލްމާން ޚާން ގޭތެރެ މޮޕު ކުރަން ހުއްޓައެވެ. މި ތަފާތު ޕޯސްޓަރާއެކު ލިޔެފައިވަނީ، ގޭގެ ހުރި މަސައްކަތެއް ކޮށް ނިންމައިލުމަށެވެ. އެއީ ބިގް ބޮސް ފަށަން ކައިރިވެފައިވާތީ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސަލްމާން ޚާން ވަނީ އޭނާގެ ޕޭންވެލް ފާމްހައުސްގައި ހުރެގެން ބިގް ބޮސް 14 ގެ ޕްރޮމޯ ވީޑިއޯއެއް ވެސް ނެރެފައެވެ. އެއާއެކު ޝޯގެ ފޭނުން މިހާރު ތިބީ ޝޯ ފައްޓާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ބިގް ބޮސް 14 އިން ފެނިގެންދާނެ ކަމަށް އަޑުއަރާފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނެނީ ޝާލިން ބަނޯޓް، ޖޭސްމިން ބާސިން، ނިއާ ޝަރްމާ އަދި ވިވިއަން ޑްސޭނާ ފަދަ ތަރިންނެވެ. ނަމަވެސް މިއިން އެއްވެސް ތަރިއެއް ބިގް ބޮސް 14 އަށް ސޮއިކޮށްފައިވާ ކަމެއް އަދިވެސް ޔަގީނެއް ނުވެއެވެ.