ކަރަން ޖޯހަރް އެނބުރި ސޯޝަލް މީޑިއާއަށް އައީ މި ޕޯސްޓާއެކު

މީގެ ދެމަސް ކުރިން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް މީސްމީޑިއާއާ ދުރުގައި ހުރުމަށްފަހު މިއަދު ޕޯސްޓެއް ކޮށްފިއެވެ.

މިދިޔަ ދެމަހަށް ފަހު ފުރަތަމަ ފަހަރަށް ކަރަން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކީ މިއަދު ފާހަގަކުރި އިންޑިއާގެ މިނިވަންދުވަހާ ގުޅިގެން ކުރި ޕޯސްޓެކެވެ. އިންޑިއާގެ ދިދައިގެ ފޮޓޯއެއް ހިއްސާކުރަމުން ބުނީ އެ ޤައުމަކީ އާދަކަދާއާއި، ތާރީޚީ ގޮތުން ވަރަށް މުއްސަނދި ޤައުމެއް ކަމަށެވެ.

މި ފޮޓޯގެ ކުރިން ކަރަން އެންމެ ފަހުން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއަކީ ސުޝާންތާއެކީ ނަގާފައިވާ ފޮޓޯއެކެވެ. އެއީ މިދިޔަ ޖޫން 14 ގައި ސުޝާންތު މަރުވުމާ ގުޅިގެން ކަރަން ލާފައިވާ ފޮޓޯއެކެވެ. ނަމަވެސް އޭގެފަހުން އާއްމުންގެ ފަރާތުން ލިބުނު ނަފްރަތާއެކު ކަރަން ވަނީ މީސްމީޑިއާއާ އެކަހެރިވެފައެވެ.

ސުޝާންތުގެ ސަޕޯޓަރުން ކަރަން ދެކެ އެހައި ރުޅި އަންނަ ސަބަބަކީ، ކަރަން އަކީ ބޮލީވުޑްގައި ނެޕޮޓިޒަމް ޕްރޮމޯޓު ކުރާ އެންމެ އިސް ފަރާތް ކަމަށް ދެކޭތީއެވެ. އެގޮތުން ކަރަން އަކީ މުޅިން ހެން ފިލްމީ އާއިލާއިން ނުކުންނަ ތަރިންނަށް އޭނާގެ ފިލްމުތަކުން ފުރުސަތު ދޭ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!