މި ސަރުކާރު އޮތީ ސާބިތުކަން މަތީ ސަލާމަތުން ކަމަށް މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފު މިހެން ވިދާޅުވީ ރައްޔިތުން މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކްނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި މި ވަގުތު މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕް މެމޯރިޓީ ވެސް ވަނީ ދެބައި ވެފައެވެ.
އިބްރާހިމް ޝަރީފު ހިމެނެނީ މިނިސްޓަރު ފައްޔާޒާއި ސަރުކާރުގެ ދިފާއުގައި ވަކާލަތު ކުރައްވާ މެންބަރުންގެ ތެރޭގައެވެ.
ޝަރީފުގެ އެހެން ޓްވީޓެއްގައި ވިދާޅުވީ އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއަށް ކުރިމަތިވެފައިވާ ކްރައިސިސް އަކީ އެ ޕާޓީގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އެފަދަ ދަތި ކަމަށާއި ވީހާވެސް އަވަހަކަށް އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ.