ޔޫއެފްއޯ ތަކެއް އިންވެސްޓިގޭޓް ކުރުމަށް ޕެންޓަގަން އިން ޓާސްކް ފޯސް އެއް އެކުލަވާލަނީ

އެމެރިކާގެ މިލިޓަރީ އެއަރކްރާފްޓް ތަކަށް ޔޫއެފްއޯ ފެންނާތީ، ގޮތްނޭގޭ މިތަކެތި އިންވެސްޓިގޭޓް ކުރުމަށް ޕެންޓަގަން އިން ޓީމޭއް ނަގަމުން ދާކަމަށް ދެ އޮފިޝަލަކު ހާމަ ކޮށްފިއެވެ.

މި ޓާސްކްފޯސްގެ ކަންތައްތައް ބަލަހައްޓަވަނީ ޑެޕިއުޓީ ސެކްރެޓަރީ އޮފް ޑިފެންސް ޑޭވިޑް ނޯގްއިސްޓެވެ. އޮފިޝަލުންނާއި ހަވާލާ ދީ ސީއެންއެން އިން ރިޕޯޓް ކޮށްފައި ވާ ގޮތުންނަމަ މިކަން އޮފިޝަލްކޮށް ދެދުވަހެއް ތެރޭގައި އާންމު ކުރެވޭނެއެވެ. މީގެ ކުރިން މިގޮތަށް ފެންނަ ގޮތް ނޭގޭ ބާވަތްތަކުގެ އެއްޗެއްސާއި ގުޅޭ މައުލޫމާތު އެއްކޮށް ބަލަހައްޓަމުން ދިޔައީ އެމެރިކާގެ ނޭވީއިންނެވެ.

ކޮންގްރެސްގެ މެމްބަރުންނާއި، ޕެންޓަގަން އިން މީގެ ކުރިންވެސް ވަނީ، ޔޫއެސް މިލިޓަރީ ބޭސްތަކުގެ މަތިން އުދުހޭ ގޮތް ނޭނގޭ އެއަރކްރާފްޓް ތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ. އަދި މިފަދަ އެއްޗެއްސަކީ އެމެރިކާގެ އަސްކަރިއްޔާއަށް އޮތް ބިރެއް ގޮތުގައި ސިފަކޮށްފައި ވެއެވެ. ގޮތް ނޭގޭ އެއްޗެހީގެ ގޮތުގައި އެމެރިކާގެ އަސްކަރީ ސަރަހައްދު ތަކުން ފެންނަ އެއްޗެއްސަކީ އޭލިއަން ނަސްލަކާއި ގުޅިފައިވާ ތަކެއްޗަށް ވުރެ، ދުނިޔޭގެ ކޮންމެވެސް ހިސާބަކުން ޖާސޫސް ކުރުމަށް ގެންގުޅޭ ޑްރޯންސް ތަކަކަށް ވުމަކީ ގާތްކަމެކެވެ.

ސެނެޓުގެ އިންޓެލިޖެންސް ކޮމިޓީގެ ވޯޓުން ފާސްކޮށް ޕެންޓަގަން އަށް އަންގާފައިވާ ގޮތަށް ޕެންޓަގަން އިން ވަނީ މިދިޔަ ޖޫން މަހު މިގޮތަށް ޔޫއެސް އެއަރކްރާފްޓަށް ފެނިފައިވާ ގޮތްނޭގޭ އެއްޗެހީގެ 3 ވީޑިޔޯއެއް އާންމު ކޮށްފައެވެ.

“އަހަރެމެންގެ މިލިޓަރީ ބޭސްތަކާއި، ތަމްރީން މަރުކަޒުތަކުގެ މަތިން އަހަރެމެންނާއި ގުޅުމެއްނެތް ކޮން އެއްޗެހިތަކެއްކަން ނޭނގޭ ޒާތުގެ އެއްޗެހިތަކެއް އުދުހުމަކީ ސުވާލު އުފެދޭ ކަމެއް” ކަމަށް ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގެ ޗެއަރމަން ވަނީ މީގެ ކުރިން މިއާމީ ނިވްސްގައިވެސް ހާމަ ކޮށްފައެވެ.

އިތުރަށް ވާހަކަ ދައްކަމުން އެތަކެއްޗަކީ ޗައިނާ ނުވަތަ ރަޝިޔާއިން ޖާސޫސް ކުރުމަށް ބޭނުން ކުރާ ކުރިއަރާފައިވާ ޓޭކްނޮލަޖީ އަކަށް ވުމަށް ވުރެ، އޭލިއަން ނަސްލަކާއި ގުޅުން ހުރި، ދުނިޔެއިން ބޭރުގެ އެއްޗެއްސަށް ވުން މާ ރަނގަޅު ކަމަށް އެފަރާތުން ހާމަ ކުރިއެވެ.

ޕެންޓަގަން އިން ނެރެފައިވާ ވީޑިޔޯތަކުން ފެންނަނީ ގޮތްނޭގޭ އެއްޗެހިތަކެއް މަތީގައި އުދުހޭ މަންޒަރެވެ. އަދި އެއެއްޗެހިތައް އުދުހޭލޭ ހަލުވި ކަމުން އެކަމާއި ހައިރާންވެ، މިލިޓަރީއިން ވާހަކަ ދައްކާ އަޑު އިވެއެވެ. މީގެ އިތުރުން އެއްފަރާތަކުން އެއީ ޑްރޯންއަކަށް ވުން އެކަށީގެން ވެޔޭ ބުނާ އަޑުވެސް އިވެއެވެ.

މިދިޔަ އެޕްރީލްގައި ޑޮނާލްޓް ޓްރަމްޕްވެސް ވަނީ މި ވީޑިޔޯތަކާއި ގުޅޭ ގޮތުން ކޮމެންޓް ކޮށްފައެވެ. އަދި އެއީ ހަމަ އަސްލް ވީޑިޔޯއެއް ބާއޭ ހިތަށް އަރާކަމަށް ރޮއިޓާރސް އަށް މައުލޫމާތު ދެމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވިއެވެ.

ޔޫއެފްއޯ ޕްރޮގްރާމާއި ކުރިން ހަވާލުވެ ހުރި އެމެރިކާގެ އިސްފާރާތުން ސީއެންއެން އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ “ދުނިޔޭގައި ހަމަ އެކަނި ދިރިއުޅެނީ އަހަރެމެން ނޫން ކަމަށް ފެންނަ ހެކިތައް ބައިވަރު އެބަހުރި” ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!