ދެ އެއަރޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއް ކޮށްފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ދެ އެއަރޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓު ފަންޑުން ނެގި 30 މިލިއަނަށްވުރެއް ގިނަ ރުފިޔާ ހަރަދުކުރި ގޮތާއިމެދު ކުރި އޮޑިޓަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ތަރމަލް އިމޭޖިންގ ކެމެރާތައް ބެހެއްޓުމާ ގުޅޭ ގޮތުން މިނިސްޓްރީން ސޮއިކޮށްފައިވާ ލިއުމުގައި ވާގޮތުން، މި މަސައްކަތް ޙަވާލުކުރި އެސް.އެސް.އައި.ގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގެ ދެ އެއަރޕޯޓެއްގައި ރައްކާތެރި، ސަމަކާރަގޮތެއްގައި، ފަސިންޖަރުން ސްކްރީންކުރެވޭނެ ނިޒާމެއް ގާއިމުކުރުމާގުޅޭ ލަފާދިނުން ހިމެނެއެވެ.

އެގޮތުން މިކަމަށް އެ ކުންފުނީގެ ދެ މީހަކު މިނިސްޓްރީގެ ޚަރަދުގައި ރާއްޖެ ގެނެސް، އެސް.އެސް.އައި.އިން ހެދިކަމަށް ބުނާ އެސެސްމަންޓަށް 50،000 ޔޫއެސް ޑޮލަރުގެ އިތުރުން ޓެކުހުގެ ގޮތުގައި 85،666 ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައި ވީނަމަވެސް، މި މަސައްކަތުގެ ސްކޯޕް ނުވަތަ މި މަސައްކަތުގެ ދަށުން ކުރެވުނު ކަންކަމުގެ ތަފްޞީލް ނުވަތަ މި މަސައްކަތުގެ ނަތީޖާއަކީ ކޮބައިކަން އެއްވެސް ލިޔެކިޔުމަކުން އެނގޭކަށް ނެތްކަމަށް ރިޕޯޓުގައި ވެއެވެ.

އެހެންކަމުން، އެ ކުންފުނިން ހަގީގަތުގައި ކުރީ ކޮން މަސައްކަތެއް ކަމެއް ކަށަވަރުކުރެވެން ނެތުމުގެ ސަބަބުން، މި މަސައްކަތަކީ ކޮންމެހެން ކުރަންޖެހިގެން ކޮށްފައިވާ ކަމެއްކަން ކަށަވަރު ކުރެވެން ނެތްއިރު އެސް.އެސް.އައި އަކީ މިކަމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ފަރާތް ކަމުގައިވާތީ، އެކުންފުންޏަށް ދައްކާފައިވާ ފައިސާއަކީ އޭޖެންސީ ކޮމިޝަންކަމަށް ގަބޫލުކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް، އެސް.އެސް.އައި މެދުވެރި ނުކޮށް، ސީދާ މިނިސްޓްރީން މީގެ ކެމެރާއެއް ގަނެފައިވުމުން، މި މަސައްކަތް ކުރުމަށް އެސް.އެސް.އައި މެދުވެރިކުރަންޖެހުނު އެއްވެސް ސަބަބެއް އޮތްކަމަކަށް ގަބޫލު ނުކުރެވޭކަމަށްވެސް އޮޑިޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމުގައިވީ ނަމަވެސް، އެތަނުގައި ކެމެރާތައް ބެހެއްޓުމުގެ ކަންކަމުގައި އެކުންފުންޏާ މަޝްވަރާކުރެވި އެ ކުންފުނީގެ ލަފައެއް ހޯދިކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތްއިރު، މިފަދަ މަޝްރޫޢެއް ހިންގުމުގެ ތަޖުރިބާހުރި ދައުލަތުގެ އެހެން މުއައްސަސާއަކާ މަޝްވަރާކުރިކަން ވެސް އެނގެން ނެތްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!