މަހަކަށް ރާއްޖެ ގެނައި މެޑިކަލް ޓީމަށް 8 މިލިއަނާއި ގާތަށް ހަރަދުކުރި

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އެއް މަސް ދުވަހަށް ރާއްޖެ ގެނައި ބޭރުގެ މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުރާސްފަތިދުވަހު ބުނެފި އެވެ.

ކޮވިޑް-19 ހަންމަތަކުރުމުގައި ސަރުކާރަށް އެހީތެރިވުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް، ކޮވިޑް-19އާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ފަސް މީހަކު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޑޮކްޓަރުންނާއި ނަރުހަކާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ އިތުރުން މެޑިކަލް ޓީމް ކޯޑިނޭޓަރެކެވެ.

ސެކިއޯ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) މެދުވެރިކޮށް މެޑިކަލް ޓީމު ގެނައީ އެއް މަހަށް ނަމަވެސް އެ މީހުން ރާއްޖޭގައި ދެ މަސް ދުވަސް ހޭދަކުރި އެވެ.

އެ ޓީމުގައި ހިމެނޭ ކޮންމެ ޑޮކްޓަރެއްގެ އެއް މަހުގެ މުސާރައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައިވެ އެވެ. ދެ ވަނަ މަހުގައި މީހަކަށް ނުވަ ލައްކަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ނަރުހުންނާއި ޕްރޮޖެކްޓް ކޯޑިނޭޓަރަށް ވެސް ނުވަ ލައްކަ ރުފިޔާ ހޭދަކޮށްފައިވާ ކަން އޮޑިޓުން ފެންނަން އޮތެވެ. މީގެ އިތުރުން ލީގަލް ފީ އައި ސްޓޭންޑައުން ޗާޖާއި ރިލޭޓަޑް ފީއަށާއި ޕްރީ-ޑިޕްލޮއިމަންޓް އެޑްމިނިސްޓްރޭޝަން ފީއަށް 230،000ރ. ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މިޓީމު ގެނައުމުގެ މަސައްކަތަށް ހޭދަވާނެ ކަމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މާލީ ވުޒާރާއަށް އަންގާފައިވަނީ 6 މިލިއަން ރުފިޔާއެވެ. ނަމަވެސް އެމިންވަރުގެ އިތުރަށް 2،860،910 ރުފިޔާ އެވުޒާރާއިން ހޭދަކޮށްފައިވެއެވެ. މިނިސްޓްރީންވަނީ މިއިން ކޮންމެ މީހަކަށް ދުވާލެއްގެ މައްޗަށް 2،000 ޑޮލަރު ހޭދަކޮށްފައެވެ. 

އަދި އޭގެ އިތުރަށް ޕްލޭނުކުރުމާއި އެމީހުން ގެނައުމަށް ކުރިއާލާ ދައްކާ ފީއާއި، އިންޝުއަރެންސް ކަވަރޭޖަށާއި، ޤާނޫނީ ފީއާއި އެހެނިހެން ފީތަކާއި ސްޓޭންޑައުއްޓު ޗާޖާއި ވަޔާ ޓްރާންސްކްރިޕްޓު ފީއަށް ޖުމްލަ 513،545 ޑޮލަރު ހޭދަކޮށްފައިވެއެވެ. އެއީ ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާއެވެ. އަދި މީގެ އިތުރަށް ކެއުމާއި ހުރުމާއި ލޯންޑަރީއާއި މެޑިކަލް އިންޝުއަރެންސް އިތުރަށް ދެކޮޅު ޓިކެޓަށް ޖުމްލަ 8،860،910 ރުފިޔާ ހޭދަކޮށްފައިވާ ކަމުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!