ނަޝީދު ހެއްދެވީ އިތުރުފުޅެއް، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރީ 21 މެންބަރުން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން، އެ ލިޔުމުގައި މިހާތަނަށް 30 މެންބަރުން ސޮއިކުރައްވާފައި ވާކަމަށް ވިދާޅުވެ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިތުރުފުޅެއް ހައްދަވައިފި އެވެ.

ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕްގައި ވިދާޅުވީ ފައްޔާޒް ގެ އިތުބާރުނެތް ކަމަށް 30 މެންބަރުން ސޮއިކުރެއްވުމުން ދެން ދިމާކުރާންވީ އެ މެންބަރުންނާއި ނޫންކަމަށާއި ފައްޔާޒްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅުއްވާ މެމްބަރުންގެ ދިފާއުގައި  އެމަނިކުފާނު ނިކުމެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒްއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. 

“ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން [ސޮއި ކުރިކަމަށް] ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނާ ނޫން. އަޅުގަނޑުވެސް މި ނުކުތީ[އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި]،” ރައިސް ނަޝީދު ފޮނުއްވި މެސެޖްގައިވެ އެވެ.

މިކަމާއި ގުޅިގެން ނަން ނުޖެހުމަށް އެދިވަޑައިގެން އެމްޑީޕީގެ އިސް މެންބަރަކާއި ހަވާލާދީ “ވަން” އިން ބުނެފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވަޒީރުކަމުން ވަކިކުރައްވަން މަސައްކަތްކުރެއްވި ނަމަވެސް، އެ ލިޔުމުގައި ސޮއިކުރެއްވީ 21 މެންބަރަކު ކަމަށެވެ.

“އަދި ސޮއިކުރެއްވީ އެންމެ 21 މެންބަރުން، އެއީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޖުމުލަ މެންބަރުންގެ އަދަދަށްވުރެ ތިންބައިކުޅަ އެއްބައި ދަށް އަދަދެއް. އޭގެ ތެރެއިންވެސް ދެތިން މެންބަރަކު ފަހުން ވަނީ ނަން އަނބުރާ ނަންގަވައިފައި. އެހެންވީމަ މިހާރު އުޅޭނީ 19 ވަރު.” ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ އިސް މެންބަރަކު ވިދާޅުވީ ނަޝީދު މަސައްކަތްކުރައްވަނީ 33 މެންބަރުންގެ ސޮއި ހޯއްދަވައިގެން، ފައްޔާޒް ވަކިކުރުމުގެ މައްސަލަޔަށް ޕާލިމެންޓަރީ ގުރޫޕުގެ ވިޕެއް ނެރުއްވަން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!