މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 75 ޕަސެންޓަށް ދަށްވެއްޖެއެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 992.27 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި މީރާ އަށް ވަނީ 3.99 ބިލިއަން ރުފިޔާ ބަލައިގެންފައެވެ. އެހެންކަމުން މިއީ 75.1 އިންސައްތައިގެ ދަށް ވުމެކެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރގައި މީރާއަށް ލިބުނު އާމްދަނީގެ ޢަދަދު ދަށަށް ގޮސްފައިވާ މައިގަނޑު ސަބަބަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓެކްސް އަދި ޓެކްސް ނޫން ފީތައް ދައްކަންޖެހޭ ސުންގަޑި މިއަހަރުގެ ތިންވަނަ ކުއާޓަރަށް ފަސްކޮށްދީފައިވުމެވެ.
ދެވަނަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މީރާއަށް 483.36 މިލިއަން ރުފިޔާ ބަލައިގަތްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިސޯޓު ކުލިންނެވެ. ރިސޯޓު ކުލީގެ ގޮތުގައި 192.46 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި 47.66 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 41.42 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 41.03 މިލިއަން ރުފިޔާ މީރާ އަށް ވަނީ ދެވަނަ ކުއާޓަރުގައި ލިބިފައެވެ. ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ޓެކުހުން މީރާ އަށް ލިބިފައި ވަނީ 670.86 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާގައި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން މީރާ އަށް ލިބިފައި ވަނީ 321.86 މިލިއަން ރުފިޔާ ކަމަށް މީރާ އިން ބުނެ އެވެ. \
ދެވަނަ ކުއާޓާގައި މިރާ އަށް ލިބިފައި ވަނީ 36.76 މިލިއަން ޑޮލަރު ކަމަށްވާއިރު މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ 77.1 އިންސައްތަ ދަށް އަދަދެކެވެ.