މާލޭގައި އެއް ގެއަކުން 30 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެ

މާލޭގައި އެއް ގެއެއްގައި ދިރިއުޅޭ އެއް އާއިލާއެއްގެ 30 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެއް އާއިލާގެ 30 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށް އާއިލާއިން ވާހަކަ ދެއްކި އައިޝަތު އިޔާދު މީސް މީޑިއާގައި ލިޔެފައި ވަނީ، އެގޭގެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން، އެޗްޕީއޭ އާއި އަދި ފުލުހުންނަށް އެންގި ނަމަވެސް، އެގެ މޮނީޓަރިންގ އަށް ލާފައި ނުވާ ކަމަށެވެ. އަދި އެކަމާއި އޭނާ އެތައް ފަހަރަކު ފުލުހުންނާއި އެޗްޕީއޭއަށް ގުޅި ނަމަވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އެގެެއިން ޕޮޒިޓިވްވި ބައެއް މީހުން ފަހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ކަމަށާއި ނަމަވެސް ޕޮޒިޓިވްވި ހައި ރިސްކު މީހުން އެއްވެސް އިރުޝާދެއް ވެސް ދިނުމެއް ނެތި ގޭގައި ބައިތިއްބާފައި ތިބި ކަމަށް އިޔާދު ބުންޏެވެ. އެ ގެއިން ތިން ވަނައަށް ޕޮޒިޓިވް ވި 67 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އޭނާ އައިސޮލޭޝަނަށް ގެންދަން އެޗުޕީއޭ އިން ގުޅީ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށެވެ. އޭރު ގާތްގަނޑަކަށް 20 މީހުން އެ ގެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިޔާދު ބުންޏެވެ.

ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ވެސް ގޭގައި ތިބުމުން އެ މީހުންގެ ޓެސްޓު ހަދައިދޭން ތަކުރާރުކޮށް އެދުނު ކަމަށާއި ނަމަވެސް އެ މީހުންގެ ޓެސްޓު ހަދާނީ އަލާމާތެއް ފެންނަނަމަ ކަމަށް އެޗްޕީއޭ އިން ބުނެފައިވާ ކަމަށް އިޔާދު ބުންޏެވެ.

އަދި މިހާތަނަށް އެގެއިން 30 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެތެރޭގައި 60 އަހަރުން މަތީގެ މީހުންނާއި ކުޑަކުދިންނާއި ހިތުގެ ބަލި އާއި އަދިވެސް އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނޭ ކަމަށްވެސް އިޔާދު ބުންޏެވެ.

އޭނާ ބުނެފައިވާގޮތުން، މިކަންތައް އެޗްޕީއޭއަށް އިނގޭނެއެވެ. އެހެން ނަމަވެސް އަދިވެސް އެޗްޕީއޭ އިން އެ މީހުން ބައިތިއްްބާފައި ތިބީ ގޭގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

އެޗްއީއޯސީން އެންމެ ފަހުން އާއްމުކުރި ގޮތުގައި ބަލި ޖެހިފައި ތިބި 300 އަށް ވުރެން ގިނަ މީހުން ގޭގޭގައި އެބަތިއްބެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!