ކޯވިޑް-19ގެ މި ޙާލަތުގައިވެސް 5ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމާފައިވޭ

ކޯވިޑް-19ގެ މި ޙާލަތުގައިވެސް 5ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރުޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރކްޗަރގެ ޑިރެކްޓަރ ޝާނާ ފާރޫޤް ވިދާޅުވީ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ނުފެށުނު ނަމަވެސް، ކޮންމެ ރަށެއްގެ މަޝްރޫޢުގެ މަސައްކަތްތައްވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ޑިޒައިންގެ މަސައްކަތްތައް ނިމުމާއި، އީއައިއޭ ހެދުމާއި، ބިޑަށް ހުޅުވާލުމަށް ތައްޔާރުވެފައިވާ ރަށްތަށްވެސް ހުރިކަމަށެވެ. މުޅި ރާއްޖެއަށް ބަލާއިރު %55 ރަށުގައި ސާފުފެން ފޯރުކޮށްދޭ ނިޒާމް ޤާއިމުކޮށްފައިވާކަމަށާ %68 ރަށުގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނިމިފައި ވާކަމަށް ޝާނާ ވިދާޅުވިއެވެ.

މި ޙާލަތުގައިވެސް މަސައްކަތް ކުރިއަށްގެންގޮސް މިއަހަރު 5 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަށް ލިބެމުންދާވަރަކުން އެރަށްތަކުގެ މަޝްރޫޢުތަކުގެ ނިމުން ކަށަވރުކޮށް، ޚިދުމަތް ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“40ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ސޮއިކޮށް މަސައްކަތް އެބަކުރިއަށްދޭ. 53ރަށުގެ ނަރުދަމާގެ މަސައްކަތްވެސް ސައިޓުގައި އެބަ ކުރިއަށްދޭ.” ޝާނާ ފާރޫޤް ވިދާޅުވިއެވެ.

ޝާނާ ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭސް އުސޫލުން 11ރަށުގެ ފެނުގެ ނިޒާމާއި، 8ރަށުގެ ނަރުދަމާ މަސައްކަތް ޓެންޑަރިންއަށް ހުޅުވާލިކަމަށެވެ. އަދި 35ރަށުގެ ފެނުގެ ނިޒާމާއި، 25ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ޑިޒައިން ކުރުމުގެ މަރްޙަލާގައި އެބައޮތްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!