ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ: މިނިސްޓަރު ފައްޔާޒު

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބްރިޖުގެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއީ މިސަރުކާރުގެ އެންމެ ބޮޑު އެއްމަޝްރޫއު ކަމަށާއި، މަޝްރޫއާއެކު އިގްތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު، ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ބްރިޖްގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

“އަޅުގަނޑުމެންގެ ވެސް އުންމިދަކީ އަޅުގަނޑުމެން މިކުރި މަސައްކަތް އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި ފެންނުން ރައްޔިތުންނަށް” ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދައުރުގައި މަޝްރޫއުތައް ނިންމުމަށްވުރެ ބޮޑަށް ސަރުކާރުން މަސައްކަތް ކުރަނީ ތަރައްގީއަށް ހިންގާ ހުރިހާ މަޝްރޫއެއް ވެސް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާއިރު، މިމަޝްރޫޢަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ (448 މިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ ލޯނާއި އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

ބްރިޖުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، ސަރވޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!