އަޅުގަނޑު މަޖިލިހަށް ހޮއްވަވައި ދެއްވީ މަރަދޫގެ ރައްޔިތުން، ރައީސް ނަޝީދުގެ ސަބަބަކުން ނޫން: ޝަރީފް

ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު ކަމަށް ހޮއްވަވައި ދެއްވީ މަރަދޫގެ ރައްޔިތުން ކަމަށާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ނޫން ކަމަށް އެ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ވިއްކައިގެން އަދި ނަޝީދު ދާއިރާތަކަށް ގެންގޮސް ތަގުރީރު ދެއްވައިގެން މެމްބަރުންތަކެއް ހޮވުނު ކަމަށް ޓްވިޓާގައި އާންމު ފަރާތަކުން ކުރި ޓްވީޓާކައި ގުޅިގެންނެވެ.

ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ މަޖިލިހަށް ހޮއްވަވައި ދެއްވީ މަރަދޫގެ ރައްޔިތުން ކަމަށާއި މަޖިލިހަށް ހޮވިވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ނަޝީދު ތަގުރީރު ދެއްވައިގެން ނޫން ކަމަށެވެ. އެމްޑީޕީ އުފެދުމުގެ މާ ކުރިން ވެސް އައްޑޫ ރައްޔިތުން އޭނާ ހޮވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަގު ވައްޓާ ނިކަމެތި ކުރަން ތި ޒާތުގެ ވާހަކަ ނުލިޔުއްވާ” ޝަރީފް ވިދާޅުވިއެވެ.

ނަޝީދު އިސްވެ ހުންނަވައި މި ސަރުކާރުގެ އިކޮނޮމިކް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުންދާއިރު، މި މައްސަލައާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިގެން ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!