ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށް ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިހެން ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދެއް ނަހަދާ ކަމަށް ބުނެ، އަމިއްލަ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނު ގައި ވާގޮތުން ތަހުގީގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ތިން މަސް ތެރޭގައި ހަދަން ޖެހެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ، ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމުގެ ކުރީން އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާއަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދުގައި ކަމަށެވެ.
އަދި ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމަށްފަހު، އެ ގަވައިދުގެ ދަށުން ހަދަން ތަހުގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަހުގީގުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާންމު ގަވައިދު އުވާލައި، މުޅިން އާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދު 18 އެޕްރީލް 2017 ގައި އަމަލު ކުރަން ފެށުނު ކަމަށެވެ.
“މި ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށް ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއްް،” އޭސީސީން ބުންޏެވެ.