މިއަދުވެސް އުދަ އުދައަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެ ތެރޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 13:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ބައެއް ރަށްތަކަށް އުދައަރާފާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، އެންމެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އެހެން ހިސާބުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.

“ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15  މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ދެކުނުގެ އަތޮޅުތަކަށް ވައިގަދަވުން އެކަށީގެން ވޭ” މެޓް އޮފީހުން މައުލޫމާތު ދިނެވެ.

ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!