ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި އޮކްޓޯބަރު މަހުގެ ނިޔަލަށް މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމަށް ތާރު އެޅުމަށް ބޭނުންވާ ކޮމްޕެކްޓާ، ޑަބަލް ޑްރަމް އަދި އެހެނިހެން ސާމާނު ހޯރަފުއްޓަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
ކޮވިޑް 19ގެ ސަބަބުން މި މަޝްރޫއުގެ ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިކަމަށް އެމްޓީސީސީން ފާހަގަ ކުރެއެވެ. ނަމަވެސް މިހާރު މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި އޮކްޓޯބަރު މަހުގެ ނިޔަލަށް މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކޮށްފައިވެ އެވެ.