ބާސާ ލަދުގަންނަވައިލުމަށްފަހު ބަޔާން ސެމީއަށް

ސްޕެއިންގެ ބާސެލޯނާ ލަދުގަންނަވައިލުމަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ލިޒްބަންގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މި މެޗު ބަޔާއިން ކާމިޔާބު ކުރީ 2-8 ގެ ނަތީޖާ އަކުންނެވެ.

ބަޔާންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރުވަނަ މިނެޓްގައި ތޯމަސް މުލާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް 7 ވަނަ މިނެޓްގައި ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު ބާސާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ސާޖް ގްނަބްރީ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ޕެރިސިޗްއެވެ. އޭނާ އެ ލަނޑު ކާމިޔަބުކުރީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ލިއޯން ގޮރެޓްޒްކާ ދިން ރީތި ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ގްނަބްރީއެވެ.

މެޗުގެ 31 ވަނަ މިނަޓް ގައި ބަޔާންއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކިމިޗްގެ އެހީތެރި ކަމާއި އެކު ކާމިޔާބު ކުރީ ތޯމަސް މުލާއެވެ.

މެޗުގެ ފުރަތަމަ ހާފް 4-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފް ފެށި 57 ވަނަ މިނަޓް ގައި ބާސާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. 

 މެޗުގެ 63 ވަނަ މިނެޓުގައި ބަޔާނުން ވަނީ އަލުން ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އަލްފޮންސޯ ޑޭވީސް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިކްއެވެ. މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.

މެޗުގެ ފަހު ފަސް މިނެޓުގައި ބަޔާނުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ބަޔާނަށް އެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކުރިން ބާސާއިން ފެނިގެންދިޔަ ބްރެޒިލް މިޑްފީލްޑަރު ކުޓީނިއޯއެވެ.

މި މެޗުން ބަޔާން އިން ޖެހި 8 ލަނޑާއި އެކު ވެގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގު ނޮކްއައުޓް މެޗެއްގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!