އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ 73 އަހަރު ފެށިގެން އިންޑިއާއަކީ، އެ ގައުމުން ޑިމޮކްރަސީގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ހަމަތަކާއި، ސުލްހައާއި ކުރިއެރުމަށްޓަކައި ކުރާ މަސައްކަތަކީ، ދުނިޔެއަށް އުއްމީދު އައުކޮށްދޭ ގައުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށާއި އެގައުމުގެ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން އިންޑިއާއަށް މިނިވަންކަން ލިބުނީ 15 އޯގަސްޓް 1947 ގައެވެ.