މެއި މަހު ގްރީން ފަންޑުން 25.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ

މިއަހަރުގެ މެއި މަހު ގްރީން ފަންޑުން 25.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ މިއަހަރުގެ މެއިމަހުގެ، ގްރީން ފަންޑު ރިޕޯޓުގައި ވާގޮތުން މެއި މަހުގެ 45 މަޝްރޫއަކަށް ގްރީން ފަންޑުންވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މެއި މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މެއިމަހު މި ފަންޑަށް ޖަމާވެފައިވަނީ 7.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު މި ފަންޑަށް 77.6 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 89 ޕަސެންޓް މަދުވުމެކެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މެއި މަހު ހަ އަތޮޅަކުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެ އެވެ. ގްރީން ފަންޑަށް އެއްވެސް ފައިސާއެއް ލިބިފައި ނުވަނީ ށ. އަތޮޅާއި މ. އަދި ފ. އަތޮޅުގެ އިތުރުން ތ. އަތޮޅު، ލ. އަތޮޅާއި ގދ. އަތޮޅުންނެވެ. އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި މި މުއްދަތުގައި ދެއްކީ އެންމެ ގިނަ ރިސޯޓް އަދި ގެސްޓްހައުސް ހިންގާ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖުމްލަ ތިން މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ބ. އަތޮޅުން ވަނީ 1.4 މިލިއަން ރުފިޔާ ދެއްކި އެވެ. ގއ. އަތޮޅުން ދައްކާފައިވަނީ 609,085.44ރ. އެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 955 މިލިއަން ރުފިޔާ އެބަހުއްޓެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!