ސުޝާންތަށް ހާއްސަކޮށް ލަވައެއް

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ދަންޖެހިގެން މަރުވިތާ ދެމަސް ވެފައިވާއިރު، އޭނާގެ ގާތް މީހުންނާއި ސަޕޯޓަރުން އަންނަނީ އަދިވެސް ސުޝާންތުގެ ހަނދާންތައް އާކުރަމުންނެވެ. އެގޮތުން ސުޝާންތުގެ އާއިލީ އެކުވެރިއެއް ކަމަށްވާ ނިލޯޓްޕަލް މްރިނާލް ވަނީ އިއްޔެ ސުޝާންތަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން ޙާއްސަ ވީޑިއޯ ލަވައެއް ޔޫޓިއުބްގައި ހިއްސާކޮށްފައެވެ.

“އިންސާފް ޔޭ އެކް ސަވާލް ހޭ” ނަމަކަށް ކިޔާ މި ލަވައިގެ ވީޑިއޯއިން ފެންނަނީ ސުޝާންތުގެ އެކި ހަނދާންތަކެވެ. އެގޮތުން ސުޝާންތު އާއިލާއާ އެކު ނަގާފައިވާ ފޮޓޯތަކާއި، އޭނާ ކުޅެފައިވާ ފިލްމުތަކުގެ ބައެއް މަންޒަރުވެސް ހިމެނެއެވެ.

ސުޝާންތަށް ހާއްސަކޮށްގެން ހެދި މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ޝުބާން ސުންދަރަމެވެ. ވަރުން ޖޭން ގެ އަޑުން ލަވަ ކިޔާފައިވާއިރު، ލިރިކްސް ތައްޔާރުކޮށްދިނީ އަދިތުޔާ ޗަކްރަވަތީއެވެ. އަދި ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ ނިލޯޓްޕަލް އެވެ.

ލަވައިގެ ނިމޭ ތަންކޮޅުގައި ލިޔެފައިވަނީ މިއީ ސުޝާންތުގެ އާއިލާއާއި، އެކުވެރިން އަދި ފޭނުންގެ ފަރާތުން އޭނާއަށް ދޭ ޓްރިބިއުޓެއް ކަމަށެވެ. “ސުޝާންތު ސިންގް ރާޖްޕުތެއް މިހާރަކު ނެތް އަހަރެމެންނާއެކު. އެކަމަކު އަހަރެމެންގެ ހިތްތަކުގަ އަބަދަށްވެސް ވާނެ”.

ސުޝާންތުގެ މަރަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ސީބީއައި އިން ވަނީ މިހާރު ފަށައިފައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ސުޝާންތު ކުއްލި ގޮތަކަށް އަމިއްލައަށް މަރުވާން ނިންމި ނިންމުމުގެ ފަހަތުގައި ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ އަތެއް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!