ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާތީ އޮޒިލް ހިތްހަމަނުޖެހުން ފާޅުކޮށްފި

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފީލްޑަރު މެސެޓް އޮޒިލްއާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން ދައްކަމުން އަންނާތީ އެކަމާ އޮޒިލް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭންގައި އޮޒިލް ނުހިމެނޭތީ، އޮޒިލްއަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހު އޭނާ ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މިފަހަކަށް އައިސް އާސެނަލްގެ ފުރަތަމަ އެގާރައިން އޮޒިލްއަށް ފުރުސަތު ލިބިފައިނުވި ނަމަވެސް، އާޓެޓާ ބުނީ އޮޒިލްއަށް ފުރުސަތު ނުދެނީ އަނިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު އޮޒިލް އަންނަނީ ފާޅުގައި އާޓެޓާގެ ވާހަކަތައް ދޮގުކޮށް، އޭނާ ފިޓް ކަމަށް ބުނަމުންނެވެ.

ދާދި ފަހުން އޮޒިލް ބުނީ އޭނާގެ ކުރިމަގާ މެދު ގޮތް ނިންމާނީ އޭނާ އަމިއްލައަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އާސެނަލާއެކު ކުރިއަށްދާން ވިސްނާ ކަމަށެވެ. އަދި އާސެނަލްގައި އޭނާ ހުރީ މީހެއްގެ ނުފޫޒުން ނޫން ކަމަށާއި، އޭނާ އާސެނަލަށް ކުޅެދެނީ އެޓީމަށް ކުޅޭ ހިތުން ކަމަށްވެސް ވަނީ ބުނެފައެވެ.

އޮޒިލް އިތުރަށް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ. އަދި ބުނީ އޭނާގެ ކެރިއަރު ހަލާކުކޮށްލުމަށް މިދިޔަ ދެ އަހަރުވެސް މީހުން މަސައްކަތް ކުރި ކަމަށާއި، އެކަމަކު އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

އޮޒިލް އަކީ އާސެނަލްގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. މީގެ ކުރިން މީޑިއާތަކުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކަށް އޮޒިލް ބަދަލުވުން ނުވަތަ އެއްބަސްވުމުގައި ބާކީ އޮތް މުސާރަ ކަމަށްވާ 18 މިލިއަން ޕައުންޑް ދިނުމަށްފަހު އޮޒިލް ދޫކޮށްލުމަށް އޭނާގެ އޭޖެންޓަށް އާސެނަލުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!