ގެއްލިގެން ހޯދި ސިޓީ ކައުންސިލްގެ މުދާތައް ހުރީ ދިވެހި ބަހުގެ އެކަޑަމީ ގުދަނުގައި

2015 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ގެއްލުނު މުދާތައް ދިވެހި ބަހުގެ އެކަޑަމީގެ ގުދަނުގައި ހުއްޓާ ފެނިއްޖެއެވެ.

ސިޓީ ކައުންސިލަށް އެތަކެތި ފެނިފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ މުދާތަކަކީ ކުރިން ސިޓީ ކައުންސިލް ހިންގި އިމާރާތުން މިހާރު ހިންގާ އިމާރާތައް ބަދަލު ކުރުމުގެ ތެރޭގައި އޭރުގެ ހައުސިން މިނިސްޓްރީން ގެންދިޔަ ތަކެއްޗެވެ. ފެނުނު މުދާ ތަކުގެ ތެރޭގައި މުހިއްމު ލިޔެކިޔުންތަކުގެ އިތުރުން ސިޓީ ކައުންސިލްގެ މޭޒު އަދި ގޮނޑި ފަދަ ތަކެތި ހިމެނެއެވެ.

ގިނަ އަހަރުތަަކެއް އެތަކެއްޗަށް ވެފައިވާތީ އެއަށް ކޮންމެވެސް ވަރަކަށް ވަނީ ގެއްލުންވެފައެވެ. ނޫސްވެރިންނަށް އެ މުދާތައް ދައްކާލުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މި ސަރުކާރު އައުމަށް ފަހު އެ ތަކެތި ނެގި ބަޔަކު ހޯދައި ދިނުމަށް ފުލުހުންގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. މިހާރު އެތަކެތި ހޯދިފައިވާތީ އެ މައްސަލަ އަވަހަށް ބަލައިދިނުމަށް މޭޔަރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، އާއްމުންނާ ގުޅުން ހުރި ވަރަށް ގިނަ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަގުބޮޑެތި މުހިއްމު މުދާތަކެއް ވެސް ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!