ރާއްޖޭގެ 26 ރަށެއްގެ އިންޖީނުގެތައް އެއް ސިސްޓަމަކުން މޮނިޓަރ ކުރެވޭނެގޮތް ހަދައިފި

ފެނަކައިން ސެންޓްރަލް ސްކާޑާ ސިސްޓަމެއް ޤާއިމުކޮށް، ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު މޮނިޓަރކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ސްކާޑާ ސިސްޓަމް ނުވަތަ ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިޒިޝަން ސިސްޓަމާއި 26 ރަށެއްގެ އިންޖީނުގެތައް މިހާރު ގުޅާލެވިފައިވާކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ ކޯރޕަރޭޝަނުން ރާއްޖޭގައި ސެންޓްރަލް ސްކާޑާ ސިސްޓަމެއް ޤާއިމުކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދާ “ޕްރިޕެއަރިން އައުޓަރ އައިލެންޑްސް ފޯރ ސަސްޓައިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުންނެވެ. ސްކާޑާ ސިސްޓަމް ނުވަތަ ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިޒިޝަން ސިސްޓަމަކީ އެކި އިންޖީނުތަކުން ކަރަންޓް އުފައްދާ މިންވަރާއި، ހަކަތަ ބޭނުންކުރާ މިންވަރު އެއް ސިސްޓަމަކުން ފަސޭހައިން ދެނެގަތުމަށް ކަރަންޓް ޚިދުމަތްދޭ ކުންފުނިތަކުން އާއްމުކޮށް ބޭނުންކޮށް އުޅޭ ސިސްޓަމެކެވެ.

ރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމުކުރެވުމާއެކު ރަށްރަށުގައި ކަރަންޓް ކެނޑޭ ހާލަތްތަކުގައި އަވަހަށް މައްސަލަ ހައްލުކުރުމުގެ އިތުރުން ކަރަންޓް ކެޑެން ދިމާވާ މައްސަލަތައް ކުރީބައިގައި ދެނެގަނެވި މައްސަލަ ހައްލުކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ށ އަތޮޅާއި ނ އަތޮޅުގެ 26 ރަށެއްގެ އިންޖީނުގެތައް ފެނަކައިން މިހާރުވަނީ ސެންޓްރަލް ސްކާޑާ ސިސްޓަމާ ގުޅާލާފައެވެ. މި މަސައްކަތަށް ގާތްގަނޑަކަށް އަހަރެއް ހޭދަވިއިރު، މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޕޮއިސްޑް ޕްރޮޖެކްޓުގެ ކޮންސަލްޓެންޓުންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެންސީއައިޓީގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނުކަން ފެނަކައިން ވަނީ ފާހަގަކުރައްވާފައެވެ.

ފެނަކަ ކޯރޕަރޭޝަންގެ ޑިރެކްޓަރ ޢަބްދުﷲ ނާޝިތު ވިދާޅުވީ، ސެންޓްރަލް ސްކާޑާ ސިސްޓަމުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރަށްރަށުގައި ކަރަންޓަށް އޮންނަ ޑިމާންޑާއި، އެ ބޭނުންކުރާ މިންވަރު ދެނެގަނެވި، ޕަވަރ ސިސްޓަމްތައް ޕްލޭންކުރަން ބޭނުންވާ ސައްޙަ މަޢުލޫމާތު ލިބިގެންދާނެކަމަށެވެ. އަދި މިއީ އެކުންފުނީގެ ކުރިއަށްހުރި މަސައްކަތްތައް ބައްޓަންކުރުމަށްވެސް ލިބިގެންދާ އެހީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ށ އަތޮޅާއި ނ އަތޮޅުގެ 26 ރަށެއްގެ އިންޖީނުގެތައް މި ސެންޓްރަލް ސްކާޑާ ސިސްޓަމާ ގުޅާލާފައިވާއިރު، ފެނަކައިގެ އަމާޒަކީ އެކުންފުނިން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ 150 ރަށުގެ އިންޖީނުގެތައް މި ސިސްޓަމާ ގުޅުވާލުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!