ރާއްޖެއިން 7 މަހުގެ ތުއްތު ކުއްޖަކާއި 1 އަހަރުގެ 3 ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މަޢުލުމާތުގައި ވާގޮތުން މި 4 ކުދިންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެ އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން އިއްޔެ ޕޮޒިޓިވްވި މި 4 ކުދިން ތެރޭގައި ހިމެނެނީ 1 އަހަރުގެ 2 ފިރިހެން ކުދިންނާއި 1 އަހަރުގެ އަންހެން ކުއްޖަކާއި 7 މަހުގެ ތުއްތު އަންހެން ކުއްޖެކެވެ.
މި 4 ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު ނިސްބަތްވާ ކުލަސްޓާއެއް އެޗްޕީއޭ އިން ފާހަގަކޮށްފައި ނުވެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ ނިސްބަތް އަނެއްކާވެސް މިދުވަސްވަރު އިތުރުވެފައިވާއިރު އިއްޔެ ވެސް ވަނީ 143 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް ޖުމްލަ 5،366 މީހުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 2،461 އެވެ.