ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުސައިން ޝަމީމު ހުރެގެން އެމްއެމްޕީއާރުސީއާ މައްސަލައިގައި އުފުލާ ކޮންމެ ދައުވާއެއް ވާނީ ބާތިލް ދައުވާ އަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމަށް ފާޑުވިދާޅުވެ އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި އަހުމަދު އަދީބާ ޒިޔަތުގެ ވަކީލަކީ ޝަމީމް ކަމަށާ އެހެންވީމާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވާނީ ބާތިލް ދައުވާ ތަކަކަށް ކަމަށެވެ.
“ޕީޖީ އަކަށްޝަމީމު ހުރެގެން އެމް.އެމް.ޕީ.އާރު.ސީ އާ ގުޅިގެން އުފުލައި ކޮންމެ ދައުވާއެއް ވާނީ ބާތިލް ދަޢުވާއަކަށް” އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ޔާމީނަށް ކުރާ ހިޔާނާތުގެ ދެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10 ގައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައިގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.