ފޮޓޯ: ސަން

އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓް ޕްރޮޖެކްޓް ދޫކޮށްލަނީ

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލައި އެއްބަސް އުވާލަން ނިންމައިފި އެވެ.

އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ މިއަދު ވިދާޅުވީ މަސައްކަތް ދޫކޮށްލަން ހުށަހެޅީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ލިބުނު ގެއްލުމާ އެކު ވަރަށް ގިނަަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލަން ޖެހުނު ކަމަށެވެ.

“އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގެއްލުންވެ، ވަރަށް ގިނަ މުވައްޒަފުން ދޫކޮށްލަން ޖެހުނީ. އެހެންވެ އެއްބަސްވުން އުވައިލަން ހުށަހެޅީ،” އަނޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުން އުވާލަން، ފުލުހުންގެ ކޯޕަރޭޓިވް، ޕޮލްކޯއާ އެކު މަޝްވަރާކޮށް އެގޮތަށް ނިމިފައިވާ ކަމަށެވެ. އެކަމަކު ޕޮލްކޯގެ ބަހެއް މިކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރަނީ ޕޮލްކޯއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލިޔަސް، ސިފައިންގެ ކޯޕަރޭޓިވް ކަމަށްވާ ސިފްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިފައިންނަށް ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އަނޮން ވިދާޅުވި އެވެ. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން ނިންމި އިރު އެތަނުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.

މަޝްރޫއުގެ ދަށުން އައިލެންޑް އެކްސްޕާޓު ކުންފުންޏާ ހަވާލުކޮށްފައި ވަނީ، ތިން ޓަވަރެއްގައި ހުންނަ، 361 ފްލެޓް އެޅުމަށެވެ. ޖުމްލަ 6.28 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތް ތާރީޙަކީ އޮކްޓޯބަރު 2017 އެވެ.

ނޫމަޑި ކުންފުނީގެ ވެސް އެއް ހިއްސާދާރެއްކަމުގައިވާ އަނޮން މީގެ ކުރިން ވަނީ މި ދެ މަޝްރޫއުވެސް އަވަސް ތާރީޙެއްގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.

އައިލެންޑް އެކްސްޕާޓް ކުންފުންޏަކީ ސައުދީ ޝާހީ އާއިލާގެ ޕްރިންސެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެ ކުންފުނިން މުއައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއްވުމުގެ ސަބަބުން ކުންފުނީގެ ބިދޭސީ މުއައްޒަފުންތަކެއް ވަނީ ޖުލައި 13 ވަނަ ދުވަހު ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިންގައިފަ އެވެ.

އަނޮން ވިދާޅުވި ގޮތުގައި ކުންފުނީގެ ބިން ވިއްކައިގެން މިހާރު ގިނަ އަދަދެއްގެ މުއްޒަފުންނަށް ވަނީ މުސާރަ ދެވިފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން އެނބުރި ރަށަށް ދާން ބެނުންވާ މުވައްޒަފުންގެ ކަންކަންވެސް ހަމަޖައްސަމުންދާކަމަށް އަނޮން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!